މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށާއިރު ފުރަތަމަ ދެ ހަފްތާގައި ބަހުގެ ހިދުމަތް ދޭނީ ހިލޭ ކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެމްޓީސީސީން މިހާރު ދަނީ އެ ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވާއިރު، ބަސް ހުއްޓިތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބަސްތައް ދަތުރު ކުރެވޭނެ ގޮތަށް މަގުތަކުގެ ޕާކިންގވެސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލޭގައިވެސް މިނީ ބަސް ފެށުމަށްފަހު ޓެސްޓް ދަތުރުތައް ކުރުމަށްޓަކައި ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެކަމަށެވެ. އަދި އަގު ނެގި ނަމަވެސް މި ބަސްތަކުން ސްކޫލްކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރޭވެނެކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭގައި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާއިރު އެމް.ޓީ.ސީ.ސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.