މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ފެންނަ ކަމަށް ބުނެ ފެތުރި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ
ފުލުހުން މިހެން ބުނެފައިވަނީ އެ ވީޑިއޯގައި ސަލީމް ފެންނަ ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓް ކުރުމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަލީމް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު ފޮނުވި ސިޓީގަ އެވެ.
ފުލުހުން ސަލީމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ވީޑިއޯގެ މައްސަލައަކީ ފުލުހުން ތަހުގީ ކުރަމުންދާ މައްސަލައެއް ކަމަށާއި އެ ވީޑިއޯގައި ފެންނަ އެކަކީ ސަލީމްކަމަށް ރާއްޖޭގައި ނެރެމުން އަންނަ ނޫހަކުން ރިޕޯޓް ކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްކަމުގައި ތަހުގީގަށް ބެލެވެން ނެތް ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމުން ވީޑިއޯއިން ފެންނަ ދެ މީހުންގެ ތެރެއިން އެއްވެސް މީހަކީ ސަލީމް ނޫންކަން ސާފުކޮށް އެނގޭކަމަށާއި މި މައްސަލައިގައި ވީޑިއޯ ރެކޯޑް ކޮށްފައިވާ ތަނުގެ މައުލޫމާތު ތަހުގީގަށް ހޯދާފައިވާއިރު އެއީ ސަލީމްގެ ބެލުމުގެ ދަށުން ހިންގާ ރާއްޖެ ޓީވީ ހިމެނޭ އިމާރާތް ނުވަތަ އޮފީސް ނޫންކަން ވެސް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން މިއީ ބިދޭސީއަކު ރާއްޖޭގެ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާއްމުވި ވަގުތަކަށްވެފައި، އެ ވީޑިއޯތަކުގައި ސީޔާސީ އަދި ދައުލަތުގެ އެކި ފެންވަރުގެ މަގާމުތަކުގައި ހިމެނޭ މީހުން ތިބިކަން ހާމަވި ދަނޑިވަޅެއްގައި ކަމުން އެއީ ސަލީމަށް އަމާޒުކޮށްގެން ނުރަނގަޅު ނިޔަތެއްގައި ވަކި ކަހަލަ މަންފާއެއް ހޯދައި، އަބުރު ނަގާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދެކޭނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ތަހުގީގުން ލިބޭ މައުލޫމާތުތައް ކޯޓަށް ބޭނުންވާނަމަ އެ މައުލޫމާތު ކޯޓާއި ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ސަލީމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.