އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.
ބިދޭސީއަކާއެކު ގިނަ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނާޒިމް ހައްޔަރުކުރީ، އޭނާ ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމާ އެކު، މާލެއިން ފުރައިގެން ރިސޯޓަކަށް ގޮސް ހުއްޓަ އެވެ.
އޭނާ ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ އއ. ރަސްދޫއަށެވެ. އެ މައްސަލައިގައި ރަސްދޫ ކޯޓަށް ނާޒިމް ހާޒިރުކުރުމުން އެ ކޯޓުން އަމުރުކުރީ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަންށެވެ.
ބަންދުގެ މުއްދަތު ހަމަވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ނާޒިމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވެސް އަމުރުކުރީ އޭނާ ހަތް ދުވަހަށް ބަންދުކުރުމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. މި މައްސަލައިގައި ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލްދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްވެސް ހުރީ ހައްޔަރުގަ އެވެ.