ގުރޫޕް ހަދައިގެން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފު މިއަދު ސަސްޕެންޑް ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފަކު މިއަދުގެ ވަގުތެއްގައި ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އޭނާއަކީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އަންނަ މީހެއް ނޫން ކަމަށެވެ.
ބަދުއަޚްލާގީ އަމަލު ހިންގައިގެން ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފަވާއިރު އަލަމްގިރި ނަމަކަށް ކިޔާ މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ޓީޗަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަލަމްގީރް އާއެކު ލިވާތު ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ނޫސްވެރިޔާ ނަސީރު އިބްރާހިމް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރު ކޮށްފައެވެ.