ޝައިޚް އާދަމް ނިޝާން ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ވަނަ ފަހަރަށް މުއްދަތު ޖަހައިފިއެވެ.
އިންޑިއާ ހައިކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތާ ދެކޮޅަށް ކުރި އިހްތިޖާޖު ހޫނުވެ، ހިންގި ހަމަނުޖެހުމާ ގުޅިގެން 24 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 14 މީހަކު މިހާރު ދޫކޮށްލައިފި ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާރު ބަންދުގައި ތިބި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. އެއީ ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް، މުހައްމަދު ޛިލްޔާންގެ ބަންދަށް 16 ދުވަސް އަދި ހަސަން ޝިފާޒުގެ ބަންދަށް 20 ދުވަހެވެ.
އެމީހުން ބަންދުކުރި މައްސަލައިގެ ބާވަތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ޓެރަރިޒަމާއި މުދަލަށް ގެއްލުން ދިނުމާއި ބިރުދެއްކުން އަދި މާރާމާރީ ހިންގުމެވެ.
އެ މައްސަލައިގައި ނިޝާން ބަންދުކުރަން ނެރުނު އަމުރުތަކުގެ ތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބޭއްވި އިސްތިއުނާފީ އަޑުއެހުންތަކަށްފަހު އިއްޔެ އެ ކޯޓުން ނިންމީ ނިޝާން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި އިޖުރާއީ އުނިކަމެއް ހުރި ނަމަވެސް އެ އުނިކަމަކީ އޭގެ ސަބަބުން އެ އަމުރު ބާތިލުވާނެ އުނިކަމެއް ނޫން ކަމަށެވެ.
އަދި އެ މައްސަލާގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކީ ޝައިޚް ނިޝާން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރުގެ ހެއްކެއް ކަމަށްވެސް ހައިކޯޓުން ބުނެފައިވެ އެވެ.