ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށްލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެއިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 08:15 އިން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅުގެ ދެމެދުގައިވާ ރަށްތަކަށެވެ.
އެއިދާރާއިން ނެރެފައިވާ އިންޒާރުގައި ބުނެފައިވަނީ، މިވަގުތު ތަކުގައި މި ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށާއި، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ކުރިއާލާ މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.