މި ހިނގާ ވެރިކަމަށްވުރެ ޤައުމަށާއި ދީނަށް ހަރާމްކޯރުވި ޣައްދާރު ލީޑަރުންގެ ކޯލިޝަނެއް އަދި ދިވެހިން ނުދެކޭކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ދައުރަކީ ޤައުމަށް ކުރިމަތިވި ބިރުވެރި މޫސުމެއްކަމަށް އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫން ވިދާޅުވުމާާ ގުޅިގެން ޑރ.މުޙައްމަދު އިޔާޟް ވަނީ އެ ހިތި ޙަޤީޤަތް، އެފަދަ ނާމާން ދުވަސްވަރެއް އިތުރަށް ނުދެއްކެވުމަށް ދުޢާކުރައްވައިފައެވެ.
އެ ގޮތުން ނަރީޝް ވިދާޅުވީ ޤައުމަށާއި ދީނަށް ހަރާމްކޯރުވި ޣައްދާރު ލީޑަރުންގެ ކޯލިޝަނަކާއި، އެ ކޯލިޝަނަށް ހިތްވަރުދޭން ތިބި ޑރ.އިޔާޟްމެން ކަހަލަ މާއްދިއްޔަތަށް ހުސްވެފައި ތިބި ޚާއިނުންގެ ވެރިކަމެއް ދިވެހިން އަދި ނުދެކޭ ކަމަށެވެ.
އަދި މި ވެރިކަމަށްވުރެން ވަކިން ބޮޑަށް ރާއްޖޭގައި ދީނަށް ފުރައްސާރަކޮށް ނަބިއްޔާއަށް ކުޑައީމީސްކޮށް ބަސްތައް ރައްދުކޮށް، ދިވެހީން ނިކަމެތިކޮށް ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދައި، އިޤުތިސާދީ ގޮތުން އަޅުވެތިކުރުވި ވެރިކަމެއް ވެސް ދިވެހިން އަދި ނުދެކޭ ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ ފާހިޝް އަމަލުތަކާއި ހަރާމެއް ހަލާލެއް ނުބަލައި ކަންކަމަށް ފުޅާ ދާއިރާގައި ޖާގަ ދެވުނު ވެރިކަމެއް ވެސް ދިވެހިން އަދި ނުދެކޭ ކަމަށެވެ.