ޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ޙުކުމް ކުރުމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހުގެ 22 ގައި ޝައިޚް ނިޝާން ހައްޔަރުކުރީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ގޮތުން އެ ކޯޓުން މިއަދު ޙުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ޢަމުރު ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މެންބަރު ޠާރިޤް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އައު ޤާނޫނުއަސާސީގެ ދަށުން ދީނީ ޢިލްމުވެރިން ހައްޔަރުކޮށް, ސޯސްލައި ތުނބުޅި ބާލުވާ ހަމައެކަނި ރައީސް ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާނަކީ އެކަން ކުރުވި ފުރަތަމަ ހޯމް މިނިސްޓަރުކަމަށް ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ 2023 ގައި ރައްޔިތުން މި ވެރިކަން ނިންމާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.