ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުޙައްމަދު ޛިލްޔަންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފިއެވެ.
މއ.ކަނުހުރާ, މުޙައްމަދު ޛިލްޔަން (37އ) ގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެއަށްފަހު ކްރިމިނަލް ކޯޓުން އަންނަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުންނެވެ.
ޛިލްޔަންގެ ބަންދާމެދު އިތުރު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ގާޒީ މުޙައްމަދު މިޞްބާޙް ނިންމެވީ ޛިލްޔަންގެ ބަންދަށް 16 ދުވަސް އިތުރު ކުރުމަށެވެ. އެއީ ތުހުމަތުކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ ވަރަށް ހެކިލިބިފައިވާކަމަށް ބުނެއެވެ.
ހުށަހެޅިފައިވާ ހެކިތަކުން އޭނާއަކީ އެއްވުން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމަށާއި އެކަމުގައި އޭނާގެ އިސް ދައުރެއް އޮތްކަމަށް ބެލެވޭކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.