ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި މަންތާ އެއާ އާއި ފްލައިމީން ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް އެ އެއާލައިންތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބަލި މީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން މަންތާ އެއާ އާއި ފްލައިމީ އޮޕަރޭޓް ކުރާ ކުންފުންޏަށް، ސިވިލް އޭވިއޭޝަނުން މެމޯއަކުން އަންގާފައިވާ ކަމަށެވެ. އަދި އެކަން ނުކޮށްފި ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާނެ ކަމަށް ބުންޏެވެ.
ކުޑަހުވަދޫ ޒުވާނަކަށް ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ގެންނަން ބޭނުންވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން ދަނީ މުޒާހަރާކުރަމުންނެވެ.
ދާލު އެއާޕޯޓަކީ މަންޓާ އެއާއިން ހިންގާ އެއާޕޯޓެކެވެ. އެ އެއާޕޯޓަށް ދަތުރުކުރަނީވެސް އެ އެއާލައިނުން އެކަންޏެވެ.