ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންޓާ އެއާލައިނުން ދަތުރުނުކޮށްދޭ މައްސަލައިގައި އެއާލައިނާ ދެކޮޅަށް އެއާޕޯޓު ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެއެއްވުމާ ގުޅިގެން ހަތަރު ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަނެއް ދެ މީހުންނަކީ، އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.
ކުޑަހުވަދޫގައި ހަމަނުޖެހުންތައް ފެށުނީ މިދިޔަ ހޯމަ ދުވަހު އެރަށުން ހާޓް އެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުންނެވެ. މީގެ ކުރިން ވެސް އެ އެއާލައިނުން ބަލި މީހުން ގޮވައިގެން ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާތީ މަންޓާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެރަށުން ބުނެފައިވެއެވެ.