މާލޭގައި ގަހެއް ވެޓުމުގެ ސަބަބުން ދެ ގެއަކާއި، ބައެއް ސައިކަލްތަކަށް ގެއްލުން ލިބިއްޖެ އެވެ. ވެއްޓިފައިވަނީ، ހ.ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެކެވެ. އެއާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ އެ ގަސް އެތަނުން ނެގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ބުނީ، ރޭ މެންދަމު 01:58 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ރޭ މެންދަމު 02:12 ހާއިރުން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުން ކަމަށެވެ. މިގޮތުން، ސިފައިންގެ ޓީމުން ކުރި މަސައްކަތުން ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުން ގަސް ނަގައި ސާފުކުރެވިފައިވަނީ މިއަދު ހެނދުނު 07:53 ހާއިރުއެވެ.
ގަސް ބުޑުން ލުހިގެން މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، މި ހާދިސާގައި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.