ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ.
ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރު ހުރި މިންވަރު ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަ މީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕަރ ޑެސިލީޓަރ އާއި ދެމެދުއެވެ. ކެއުމަށް ފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕަރ ޑެސިޅިޓަރ އަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަކުރުބަލި ކަމަށް ކަނޑައަޅާފައިވާ ދެ މިންގަނޑަކީ ހައިބަނޑާ ހުރެ ހަދާ ޓެސްޓުގައި ހަކުރުގެ މިންވަރު 126 މިލިގްރާމް އަދި ހަކުރު ބަލީގެ އަލާމާތްތަށް ހުރުމާއި އެކު ލޭގެ ހަކުރު ބަލާއިރު 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މަތީގައި ހުރުމެވެ.
ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. ފުރަތަމަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. މިވައްތަރު އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ނުވަތަ އުމުރުގެ ކުރީކޮޅު އެވެ. ދެވަނަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. މިއީ އުމުރުން 40 އަހަރު ވުމުގެފަހުން ކުރިމަތިވާ ވައްތަރެކެވެ.
ހަކުރުބަލި ހުރިކަން އެނގުމުން ލޭގައި ހަކުރުގެ މިންވަރު އަބަދުމެ ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ވަރަށް ސަމާލު ކަން ދޭންވާނެއެވެ. ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން ބަލަން ޖެހެނީ ބަލި ކޮންޓްރޯލްކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ވައްތަރެއް ވިޔަސް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަނށްޖެހެއެވެ.
ހަކުރު ބަލީގެ ކޮންމެ ބާވަތެއް ވިޔަސް، ކޮންޓްރޯލްކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަން ޖެހެއެވެ. އެގޮތުން ބަރާބަރަށް ގަޑިން ގަޑިއަށް ކެއުމާއި ކަސްރަތު ކުރުން އިތުރު ކުރުމުގެ އިތުރުން ފިކުރުތަކާއި މީހާ ދުރުވުން ހިމެނެއެވެ.