ދ.ކުޑަހުވަދޫ އެއާޕޯޓު ކުރިމަތީ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ އަޙްމަދު ޝާއިން ކިޔާ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ މިރޭ ކުޑަހުވަދޫގައި ކުރަމުންދާ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތުގައި ކޯޓު ޢަމުރެއްގެ ދަށުން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ތަޙްޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުޑަހުވަދޫ އެއާޕޯޓު އޮޕަރޭޓްކުރަނީ މަންތާ އެއާލައިނުންނެވެ. އެ ރަށުގެ ޒުވާނަކު ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހުމުން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން އެކަން ހަމަޖައްސައިނުދިންކަމަށް ބުނެ އެ ރަށު ރައްޔިތުން މުޒާހަރާ ފެށީ މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެންނެވެ.
މިރޭ ކުރަމުންދާ މުޒާހަރާގެ ބައިވެރިން އަންނަނީ އެއާޕޯޓުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި, މަންތާ އެއާރއިން ބަލި މީހުން ދާއިމީކޮށް މާލެ ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ގޮވައިލަމުންނެވެ. އަދި މުޒާހަރާ ހުއްޓާލާނީ އެ ކަންކަން ފުރިހަމަކުރަން އެއްބަސްވުމުންކަމަށް އެ މީހުން ބުނެއެވެ.