ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެއްކެވި ވާހަކަތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
ދުންޔާ މިއަދު ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއް ކަމަށެވެ. އެ ގޮތުން މިހާތަނަށް އެންމެ ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި, ސިޔާސީ ލީޑަރުން ޖަލަށްލުން ހިމެނޭކަމަށް ދުންޔާ ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ތަހައްމަލުކުރި އަދި ތަހައްމަލު ކުރާ ބިރުވެރި ޒަމާނެއްވާނަމަ އެ ޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅުން މިފަދަ ވާހަކަ ދެއްކެވުން ވަރަށް ލަދުވެތި ކަމަށެވެ.
ދުންޔާ މިހާރު ހުންނެވީ އެމްއެންޕީގައެވެ. މިދިޔަ އަހަރު އުފެއްދި އެ ޕާޓީގެ ރައީސަކީ ކާނަލް މުޙައްމަދު ނާޒިމެވެ.
އެކަމަށް ޢިޝާރަތް ކުރައްވައި ޝިޔާމް ވިދާޅުވީ ދުންޔާ މި ވަގުތު ތި ހުންނެވި ޕާޓީއާއި އެ ޕާޓީގެ ލީޑަރު ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ވެފައިވާ ކަމަށެވެ.
މިކަމުންވެސް ސާބިތުކޮށް ދެނީ ”ޔާމީން“އަކީ އަގުބޮޑު ބްރޭންޑެއް ކަން. ޤައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ޙައްލުއޮތީ އެ ބްރޭންޑަށް ޖާގަދީގެންކަން ހިތާދެކޮޅަށްވެސް އެބަ ޤަބޫލުކުރެވޭ ކަން. ޖެހިލުންވަނީ ކައިރި މާޒީގައި އެލިބިގެންދިޔަ ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުން އެބްރޭންޑަށް ކުރާ އިތުބާރު އެތައްގުނައެއް އިތުރުވެގެން ގޮސްފައިވާކަން ޤަބޫލުކުރެވޭތީކަން ޔަޤީން. އަގުވައްޓާލަން ކުރާހާ މަސައްކަތުން ވެސް އިތުރަށް އަގުއަރާކަން އެނގޭތީ ހިތް ނުތަނަވަސްވަނީކަންވެސް ކަށަވަރުވެ އެނގޭ.