ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، މިހާތަނަށް ހިންގާ އެންމެ ބޮޑު ”ޖަރީމާ“އަކީ ހުޅުމާލޭ ބިންތައް ވަކިބަޔަކަށް ހިލޭ ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ކުރި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ބިން ވަކިބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމެއްގައި ކުރާ ކަމެއްނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރީސް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ މީހުންނަށް އެކަނި ހުޅުމާލެއިން ހިލޭ ގޯތި ދޭން ނިންމުމުން އަތޮޅުތެރެއަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހިގެން މާލޭގައި އުޅޭ އެކި ރަށްރަށުގެ މީހުން ވަނީ ޕެޓިޝަނެއްގައިވެސް ސޮއިކުރަން ފަށާފަ އެވެ.
މި މައްސަލައިގައި މަޖިލީސް މެންބަރުންގެވެސް ހިޔާލު ތަފާތުވެފައިވާއިރު، މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތޯ ބަލަން މަޖިލީހަށްވެސް ވަނީ ހުށަހަޅާފަ އެވެ. އެކަމަކު 40 އަހަރު ފަހުން މާލޭ މީހުންނަށް ގޯތި ދޫކުރަން ނިންމުމުން އެކަމުގެ ތެރެއަށް އެކި ރަށްރަށުގެ މީހުން ވަންނާތީ ބައެއް މާލޭ މީހުންގެ ހިތްހަމަނުޖެހުންވެސް ބޮޑެވެ