ލ.ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި ރިޔާސީ ދައުރުތެރޭގައި ފެށޭނެކަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމް ވިދާޅުވެއްޖެެއެވެ.
ވިޝާމް މިރޭ ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ ކެންސަރު ހޮސްޕިޓަލް ގަމުގައި ގާއިމުކުރަން ނިންމެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަމަށެވެ. އަދި ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނީ ރައީސްގެ ރިޔާސީ ދައުރުތެރޭގައިކަމަށް ވިޝާމް ވިދާޅުވިއެވެ.
އިންޑިއާއިން މިހާރު ވަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އިތުރު 100 މިލިއަން ޑޮލަރު ދޫކުރަން ނިންމާފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު މިއަދުު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އިތުރު 100 މިލިއަން ޑޮލަރު ދޫކުރަން ނިންމެވުމުން އިންޑިއާއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ އެހީގެ ސަބަބުން މަޝްރޫޢުތައް އަވަސްކުރެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.