ޤައުމުގެ ދީނީ އެއްބައިވަންތަކަން ހިފަހައްޓަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެ ގޮތުން ފަތުވާގެ ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ފަތުވާ މަޖިލިސް ހަރަކާތްތެރި ކުރުވުމަށް ދާދިފަހުން ވެސް ގޮވައިލެއްވި ޑރ.ޝަހީމް އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އުފެދުނީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައެވެ.
އެއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އުފެއްދި މަޖިލީހެކެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ މަޖިލީހުގައި މިހާރު ހުންނެވީ އެ މަޖިލީހުގެ ރައީސް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރުވަނީ ހަމަވެފައެވެ. ނަމަވެސް އަދިވެސް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެއެވެ.