ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ޚާއްސަ ޖަލްސާއެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިންކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
ސަންގު ޓީވީގެ ޚަބަަރަށްފަހު ޕްރޮގްރާމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާ މި މަހުގެ 19 ވަނަ ދުވަހުގެރޭ އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް ޔާމިނާއި ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ޖަލްސާއަށް އަތޮޅުތަކުން މީހުން ގެނެސްގެން ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ޖަލްސާ ކުލަގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.