ކުރީގެ ރައީސް ޔާމީނަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓް ދިނީ ރާއްޖެ އިތިއޯޕިއާ އަށް ހަދަން ބޭނުން ނުވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީއަކާ ނުލައި ޔާމީނަށް ޓިކެޓް ދިނުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ރޭ ”ޗެނަލް13″ގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އަސާސީ ގަވާއިދާއި އެއްގޮތަށް ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.
ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ސަބަބުތަކެއް ނެތި ނޫންކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ރައްޔިތުން ބޭނުންވުމަކީ އޭގެއިން އެއް ސަބަބު ކަމަށެވެ. އަދި ރާއްޖެ އަކީ އިތިއޯޕިއާ އަށް ނޫނީ ފަގީރު ގައުމުތަކުގައި ނިކަމެތިން އުޅޭ ހާލެއްގައި އުޅޭ ރައްޔިތުން ދިރިއުޅޭ ތަނަކަށް ރާއްޖެ ހަދަން ރައްޔިތުން ބޭނުން ނުވުމަކީ ވެސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިން ސަބަބެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި މަޝްރޫއު ފަދަ އެހެން ޕްރޮޖެކްޓުތައް ހިންގަން ރައްޔިތުން ބޭނުންވާ ކަމަށާއި އަދި 25 ބުރީގެ އެތައް އިމާރާތެއް ރާއްޖޭގައި އަޅަން ރައްޔިތުން ބޭނުންވާއިރު ޔާމީނަށް ޓިކެޓް ދިނީ މި ސަބަބުތަކާއި ހުރެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ނޫން ކަމެއް ނުކުރާ ސިޔާސީ ލީޑަރެއް ޔާމީން ފިޔަވައި ނެތް ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮޑު ތަނުން ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނުމަށް ނިންމީ އެ ދެ ޕާޓީގެ ކައުންސިލުންނެވެ. ޔާމީން ވަނީ އެ ނިންމުން މިހާރު ގަބޫލުފުޅުކުރައްވާފަ އެވެ.