އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ އިއްޔެ މަރާލައިފި އެވެ.
މިއީ އަލްގައިދާގެ ބާނީ އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލި ހާދިސާއަށްފަހު އެމެރިކާއިން އެ ޖަމާއަތާ ދެކޮޅަށް ހިންގި އެންމެ ވަރުގަދަ އޮޕަރޭޝަނެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ކާބުލްގައި ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހު ޒަވާހިރީ މަރާލިކަން އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. ބައިޑެން ވިދާޅުވީ މިއީ އެމެރިކާ ރައްޔިތުންގެ އެތައް ބައެއްގެ މަރާއި ހަމަނުޖެހުން އުފެއްދުމުގައި އުޅުނު ޒަވާހިރީގެ ނިމުން ކަމަށެވެ.
”މިހާރު މި ވަނީ އިންސާފު ގާއިމުކުރެވިފައި. ޓެރަރިސްޓް ލީޑަރު މަރާލެވިއްޖެ،“ ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ ޒަވާހިރީގެ މަރަކީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ލިބުނު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. ބައިޑެން ވިދާޅުވި ގޮތުގައި ޒަވާހިރީ ވަނީ އެމެރިކާއާ ދެކޮޅަށް އެކި ކަންކޮޅުތަކުގައި ދީފައިވާ އެކި ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ޒަވާހިރީ އަށް ހަމަލާ ދިނީ އޭނާގެ ފިލައިގެން އުޅޭ ގޭގެ ބެލްކަނީގައި ހުއްޓަ އެވެ. އޭނާއަށް އަމާޒުކޮށް ދެ ޑްރޯން ފޮނުވާލި ކަމަށްވެ އެވެ. އެ ވަގުތު ގޭގައި ޒަވާހިރީގެ އާއިލާގެ އެހެން ބައެއް މެންބަރުން ވެސް ތިބި ކަމަށާއި އެކަމަކު މަރުވީ ޒަވާހިރީ އެކަނި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޒަވާހިރީ އަކީ މިސްރުގެ އިސްލާމިކް ޖިހާދު އުފެއްދުމުގެ މޭސްތިރި އެވެ. މެއި 2011 ގައި ބިން ލާދިން މަރާލުމުގެ ކުރިން ޒަވާހިރީ އަކީ ބިން ލާދިންގެ އެންމެ އަރިސް މީހާ އެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޒަވާހިރީ އަކީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ހަމަލާ ރޭވުމުގެ އެންމެ އިސް މީހާ އެވެ.
ޒަވާހިރީ އަށް އަފްޣާނިސްތާނުގެ ވެރިރަށުގައި ދިން ހަމަލާ އަށް ފަހު، އެ ގައުމުގެ ވެރިކަންކުރާ ތާލިބާނުން ބުނީ މިއީ އެމެރިކާގެ މި އަމަލު ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފް ކަމަށެވެ.
”މިއީ އެމެރިކާއިން މިދިޔަ 20 އަހަރު ކޮށްފައިވާ ފެއިލްވެފައިވާ އަމަލްތަކުގެ ތަކުރާރުވުމެއް. އަދި މިއީ ބައިނަލްއަގުވާމީ މަސްލަހަތާއި އެމެރިކާގެ މަސްލަހަތާއި އަފްޣާނިސްތާން އަދި ސަރަހައްދުގެ މަސްލަހަތު ވެސް އޮތް ކަމެއް ނޫން،“ ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ނަމަވެސް އެމެރިކާއިން ބުނީ މި ހަމަލާ ދިނުމުގެ ހައްގު އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.
މޯރ ޒަވާހިރީސް އާރ އޮން ދަ ވޭ