މާޒިޔާއިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލައިފިއެވެ.
މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޖުމްލަ ހަތަރުވަނަ ފަހަރެވެ. މާޒިޔާއިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް މި މުބާރާތް ރީބްރޭންޑް ކުރި ފަހުން، ކުލަބަކުން ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މާޒިޔާއިން ލީގު ނިންމާލީ ކުޅުނު 21 މެޗުން، ޖުމްލަ 60 ޕޮއިންޓާއެކުއެވެ. ތިން ބުރަކަށް ބަހާލައިގެން މި ފަހަރުގެ ލީގު ކުރިއަށްދިޔައިރު، މާޒިޔާ ބަލިވީ ދެވަނަ ބުރުގެ ފުރަތަމަ މެޗުން އީގަލްސް އަތުން އެކަންޏެވެ. އަނެއް 20 މެޗުން މާޒިޔާ ވަނީ މޮޅުވެފައެވެ. މީގެ އިތުރުން އީގަލްސްއިން ލީގު ނިންމާލީ 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. އެހެންކަމުން މާޒިޔާއިން ޗެމްޕިއަންކަން ހޯދާފައިވަނީ 14 ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު މާޒިޔާއަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން އަދި މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.