އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި މުހިންމު ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތްކަން ހާމަވެއްޖެއެވެ.
އާރަށުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ނަގާފައެވެ. އެ ފުލުސް މީހާއަކީ ޗެކް ޖަމާކުރި ލިޔުމުގައިވާ އަތުލިޔުން ތަހުލީލުކުރި ފަރާތެވެ.
އެ ހެކިވެރިޔާއާ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ލިޔުންތަކާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވާނަމަ ކަމަށާއި، ތަހުލީލު ކުރުމަށް ލެބޯރަޓްރީއަށް ލިޔުންތައްއައީ އިޖުރާއަތުތައް ފުރިހަމަވެގެން ކަމަށެވެ. ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުން ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި އެއްވެސް ޝައްކެއް ނެތި ދިމާވާ ކަމަށްވެސް ހެކިވެރިޔާ ހެކިބަސްދީފައިވެއެވެ.
ހެކިވެރިއާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ ޗެއިން އޮފް ކަސްޓަޑީގެ ތާރީހުގައި ނުބައި ތާރީހެއް އޮތްކަން ފާހަގަކޮށްފައެވެ. އެގޮތުން ހެކި ހޯދި ތާރީހެއް ގޮތުގައި ޗެއިން އޮފް ކަސްޓަޑީގައި އޮތީ 23 އޮގަސްޓް 2026 ކަން ފާހަގަކުރިއެވެ. އެކަން ފާހަގަކުރުމުން ހެކިވެރިޔާވަނީ ޗެއިންގައި މައްސަލައެއް އުޅޭކަން ފާހަގަކޮށްފައެވެ.
ޗެއިން އޮފް ކަސްޓަޑީ ސައްހަ ނުވެ ތަހުލީލު ރިޕޯޓް ސައްހަވާނެތޯ ހެކިވެރިޔާއާ ޔާމީންގެ ވަކީލް ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ އެކަމުގެ ސަބަބުން ތަހުލީލުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށާއި، ތަހުލީލުކޮށް ނެރުނު ނަތީޖާއަކީ ސައްހަ ނަތީޖާއެއްކަމަށެވެ. އަދި ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތުލިޔުން އެއްވެސް ޝައްކެއްނެތި ދިމާވާ ކަމަށާއި، ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫން ކަމަށް ހެކިބަސް ދީފައިވެއެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 4 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ނޯޓް: ޗެއިން އޮފް ކަސްޓަޑީއަކީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ބޭނުންކުރާ ހެއްކެއް އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމުވެ.
އެކަހަލައި ޒާތުގެ ހެކި ހޯދުމަކީ އިންޑޯ ބުޑިސްޓް ފަސްޓު ޕޮލިސީގެ ދަށުން އުގެނިގެން އުޅޭ ބީރައްޓެހި އަލާމާތެއް.
ނުބައިކޮށް ކުރަންއުޅޭ ކަންތަކުން ފެންނާނީވެސް ނުބައި. ހެކި އުފައްދައިގެން ބޭޒާރުވާ ކިތަންމެފަހަރެއްދާނެ، ފަނޑިޔާރުންނަކީ ﷲ އަންގަވާފައިވާ ގޮތައް ޢަދުލަށް ޙުކުމްކުރާ ބައަކަށް ވެއްޖެނަމަ ބަޔަކު ރާވާހާގޮތަކަށް ނުނިމޭނެ، ﷲގެ ކުޅަދުންވަންތަކަން މާބޮޑު. އެކަލާނގެ އިރާދަފުޅުން ޙައްޤަށް ނަޞްރުލިބިގެން ނިމޭނީ.