މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިޒަބެލް ޓެކްސް ފައިސާއަށް މަކަރު ހެދިކަމުގެ ކުށުގައި 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ސްޕެއިންގެ ޕްރޮސެކިޔުޓަރ އެދިއްޖެއެވެ.
ލަވަ ކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ސްޕެއިންގެ ޕްރޮސެކިޔުޓަރ އޮފީހުން ތުހުމަތުކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ޓެކްސް ނުދެއްކިކަމުގެ ތުހުމަތެވެ. އެހެނަސް އެކަމާއި ގުޅޭގޮތުން ޝަކީރާ ބުނަމުން އަންނަނީ އެމުއްދަތުގެ ތެރޭގައި ސްޕެއިންގައި އޭނާ ނޫޅޭކަމަށެވެ.
ނަމަވެސް ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި ޝަކީރާ އަށް ވަނީ 2012 އާއި 2014 އާ ދެމެދު 14.7 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. ނަމަވެސް އޭނާ އޮޅުވާލައިގެން ޓެކްސް ދައްކާފައިވަނީ މާ މަދުންނެވެ.
ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ލިބުނު ފުރުސަތު އޭނާ ގަބޫލު ނުކުރުމުން މައްސަލަ ކޯޓަށް ވައްދައި ޝަރީއަތް ފަށާނެ ތާރީހެއް ކަނޑައަޅަން ކޯޓުން މިހާރު ދަނީ ތައްޔާރުވަމުން ކަމަށް ވެސް މީޑިއާތަކުން ދަނީ ހާމަ ކުރަމުންނެވެ.