މުހައްމަދު ރަފީ އޭ ބުނުމުން އެއީ ކާކު ކަން ނޭނގޭ މީހެއް ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އިންޑިއާއަށް އުފަން މުހައްމަދު ރަފީ އަކީ މިއަދާ ހަމައަށް ވެސް އެކަހަލަ ދެވަނައެއް ނުވާ އެހާމެ މޮޅު ލަވަ ކިޔުންތެރިއެކެވެ. އާއްމުންގެ ތެރޭގައި އޭނާ މަޤުބޫލުވެފައި ވަނީ ވެސް ލަވައިގެ ދުނިޔެއިންނެވެ. ނަމަވެސް މުހައްމަދު ރަފީގެ ދީލަތި ކަމަކީ އާއްމުންއަށް ނޭނގޭ ވާހަކައެވެ.
މި ފަހުން މުހައްމަދު ރަފީގެ ދަރިފުޅު ނަސްރީން އަހުމަދު ހާމަކޮށްފައިވާ ގޮތުގައި ޕަބްލިކް ވުމާއި އާއްމުންގެ ސަމާލުކަން ހޯދުމަކީ ބައްޕަ އެއްވެސް ވަރަށް ގަޔާވާ ކަމެއް ނޫންކަމަށެވެ. އެގޮތުން ފިލްމެއް ބަލަން ދިޔަ ކަމުގައި ވިއަސް ފިލްމު ފެށުމަށް ފަހު ސިނަމާއަށް ވަންނަ ކަމަށާއި ފިލްމު ނިމުމުގެ ކުރިން ސިނަމާއިން ނިކުންނާނެ ކަމަށެވެ.
އަދި ބައްޕަ ކައިރިއަށް އެހީ އަކަށް އަންނަ މީހެއް ހުސް އަތާ ދުވަހަކުވެސް ފޮނުވާ ނުލާނެ ކަމަށާއި އަބަދުވެސް މީހުން އަށް އެހީތެރި ވާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން ބައްޕަ އަރާއިން ހުންނަ ފައިވާން ވެސް މަގުމަތިން ހުސްފަޔާ އުޅޭ މީހެއް ފެނިއްޖެ ނަމަ ދޭނެ ކަމަށާއި ދުވަހަކުވެސް މީހަކަށް ފައިސާ ދެމުން ގުނާ ނޫޅޭނެ ކަމަށާއި ޖީބުން ނަގައި ގޮތަށް މީހުންއަށް ފައިސާދީ އުޅޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އުމުރުން 55 އަހަރުގައި މުހައްމަދު ރަފީ މަރުވެފައި ވަނީ މީގެ 42 އަހަރު ކުރިން ޖުލައި 31 ގައެވެ. ރިޕޯޓް ތަކުން ހާމަ ކުރާ ގޮތުގައި މުހައްމަދު ރަފީ މަރުވެފައިވަނީ ހާޓް އެޓޭކްއެއް ޖެހިގެންނެވެ.