ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމަކީ މަރު ދުވަހާ ޖެހެންދެންވެސް ގައްދާރުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ ނާޒިމް އާއި ޤާސިމް ދިވެހި ޤައުމު ވައްޓާލާފައިވާ ހާލަތުން ދުރަށްޖެހި އެ ދެބޭފުޅުންނާއި ނުބެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުނަސް އެ ދެބޭފުޅުން ސަލާމަތް ނުވާނެ ކަމަށެވެ. އަދި އެ ދެބޭފުޅުންނަކީވެސް މަރު ދުވަހާއި ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ އިސްވެރިންގެ މެދުގައި ޒިނޭ ކުރުމާއި ފާހިޝް އަމަލުތައް އާންމުވެފައިވާ މިންވަރު ރައްޔިތުންނަށް މިހާރު ހާމަވެފައިވާއިރު ނާޒިމް އާއި ޤާސިމް ދަނީ މަޑުމަޑުން ވެރިކަން ކުރާ ކޯލިޝަނާއި ދުރަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ދެބޭފުޅުންވެސް ނުސީދާކޮށް މިހާރު ސަރުކާރަށް ފާޑުވިދާޅުވެއެވެ. އެހެން ނަމަވެސް ޤާސިމް އާއި ނާޒިމް އަކީ މި ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ. އަދި ސަރުކާރު ތެރެއިން ދެބޭފުޅުންގެ ވިޔަފާރިތަކަށްވެސް ބޮޑެތި މާލީ ފައިދާތައް ވެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ޓުވީޓުގައި ވަނީ އަދާލަތު ޕާޓީގެ ޝެއިހުންތަކަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. މިގޮތުން ފާއިތުވި ދުވަސްތަކުގައި ރައީސް ސޯލިހާއި އެމްޑީޕީގެ އިސްވެރިން ހިންގާފައިވާ ފާހިޝް އަމަލުތަކުން ބަރީއަވުމަށް އެމީހުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދިފައިވާއިރު އަދާލަތު ޕާޓީގެ ޝެއިހުންތައް ދަނީ ރައީސް ސޯލިހްގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. މިގޮތުން ރައީސް ސޯލިހަށް ޒިނޭގެ ތުހުމަތު ކުރެވުމުންވެސް ރައީސް ސޯލިހުގެ ދިފާއުގައި އެންމެ ގަދަޔަށް ވާހަކަ ދައްކަމުންދަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޑރ.އިޔާޒު އަބްދުލް ލަތީފެވެ.
ނަމަވެސް މިފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި ސަރުކާރުގެ އިސްވެރިންނަށް ތުހުމަތުވާ ޒިނޭގެ މައްސަލަތަކުގައި ގާސިމް އިބްރާހިމް ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އަދާލަތު ޕާޓީން ބަޔާނެއް ނެރެ، އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން ގެންދަވަނީ ޓުވީޓުތަކެއް ކުރައްވަމުންނެވެ.