ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އަލިފުށްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރ. އަލިފުށީގައި ގާއިމު ކުރެވިފައިވާ އޮޓަމެޓިކް ވެދަރ ސްޓޭޝަނުން 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މައުލޫމަތުދެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، 120.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވި ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ލ. ކައްދޫއަށެވެ. އަދި 3 ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ށ. ކޮމަންޑޫއަށެވެ. އެގޮތުން އެރަށަށް 101.9 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް ވަނީ ރިކޯޑުކުރެވިފައެވެ.
ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިއަދާއި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ.