ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ލާދީނީ ފިކުރު ބޭޒާރުވެއްޖެކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައިމިވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރުކުރުމުން އެއީ ސަރުކާރު ކޯލިޝަންގައިތިބި ހައްދުފަހަނަ އެޅުމުގެ ފިކުރުމުގެ މީހުން ރުއްސަން ކުރެއްވިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ ލާދީނީ ފިކުރު ބޭޒާރުވެއްޖެކަމަށާއި، ލާދީނީ ފިކުރު ހުރި ލެވެލްވެސް އެންމެންނަށް ފަޟީޙަތްވެއްޖެކަމަށެވެ.
އަމިއްލަ ޕާޓީގެ ތެރޭވެސް ތާއީދު ސުމަކަށް ވެއްޓިއްޖެކަމަށާއި،އެއީ އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔާ ހިތުހުރިހާ ގޮތަކަށް އުޅުމުން ކުރިމަތިލައްވަންޖެހުނު ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ. ޒައިދު ވަނީ، އެންމެފަހުން ލިވާތު ދިފާޢުކޮށްގެން ނިމިގެން ދަނީކަމަށް ވިދާޅުވެ ނަޝީދަށް ފާޑުވިދާޅުވެފައެވެ.
ނާޒިމްގެ ދިފާޢުގައި ރައީސް ނަޝީދު ނިކުމެވަޑައިގަތުމުން އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް ތާޢީދުކުރެއްވި އެތައް ބަޔަކުވެސް ވަނީ އެކަން ކުށްވެރިކޮށް ނަޝީދަށް ކުރަމުން އައި ތާޢީދު އަނބުރާ ގެންގޮސްފައެވެ. ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްގެ ބަދުއަޚްލާގީ ފޮޓޯތަކެއް ހުރިކަމަށްވެސް ވިދާޅުވެ ރައީސް ޞާލިޙަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ ފޮޓޯތަކެއް ނުހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.