ގައުމު ހިންގަން ތިބި ލީޑަރުން ރައްޔިތުން ބިކަކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާނަމޭ ބުނެ، ރައްޔިތުންނަށް ވައުދުވެ، ގައުމާއި ހަވާލުވެގެން ތިބި ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ ކަމަށެވެ. އެގޮތުން މިނޫން ގޮތެއް މިހާރު ގައުމަށް ހޯދަން ޖެހިފައިވާ ކަމަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދުގެ ނުރުހުމާއި ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރި ކަމަށްވެސް ވިދާޅުވެފައެވެ. އެއާއެކު ސިޔާސީ މަޝްރަޙް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.