ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.
ޝެއިހް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 11:15 އަށެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ކަމަށް ބުނެ ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.
ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.