ލިވާތުކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ ނަސީރުގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު މުއްދަތު އިތުރުކޮށްފިއެވެ.
ނަސީރު ހައްޔަރު ކުރީ އިއްޔެ މެންދުުރު ފަހު އެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދަށް 10 ދުވަސް މިދުވަނީ ޖަހާފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލާގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ ސާޖެންޓު އަބްދުއްރަހުމާން ރަފީއުއެވެ.
މީގެ ތެރެއިން ނަޝީދާއި އަބްދުއްރަހުމާނުގެ ބަންދަށް ކުރިމިނަލް ކޯޓުން ފަނަރަ ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ. ނާޒިމް ސައްތާރު އއ. އަތޮޅުގެ ރިސޯޓެއްގައި ފިލާހުއްޓައި ހައްޔަރުކޮށްގެން އެ އަތޮޅު ރަސްދޫއަށް ގެންގޮސް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް ދީފައިވަނީ 7 ދުވަހުގެ މުހުލަތެކެވެ.