ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ކޮންޓުރޯލުން ނެއްޓިފައިކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވީ ނަޝީދުގެ ކޮއްކޮ ނާޒިމަށް ކުރެވޭ ތުހުމަތުތަކުގެ ވަށައިގެންވާ ހިތާމަވެރި ހާލަތްތަކާ ގުޅިގެން އެންމެންވެސް ދެރަވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިހުސާސްތައް ފަހުމުވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ވަޓްސްއަޕް ގުރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.
އަދި މި ތުހުމަތުތަކީ ކޮންމެހެން ފެންމަތިކުރައްވަންޖެހޭ ތުހުމަތުތަކެއްކަމަށް ރައީސް ނަޝީދު ޤަބޫލުކުރައްވާނަމަ އެ ތުހުމަތުތައް ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދަވަންވެސް ފައްޔާޒު ވިދާޅުވިއެވެ.
މިރޭ ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަންހެންކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ 4 ފޮޓޯ އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ހަތަރު ފޮޓޯ ފުލުހުންނާ ހަވާލުކުރަންވީތޯވެސް ރައީސް ނަޝީދު އެ ގުރޫޕުގައި ވިދާޅުވިއެވެ.