މާތް اللهއާ ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅެއް ކަމަށާއި ނަމަވެސް اللهއާ ވަކީލު ކުރުމަކީ އެއްވެސް ހާލެއްގައި ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާދަމާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަސް ކަމުން ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަންވެއްޖެ ކަމެއް ކަމަށެވެ. އަދި ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ، މަތިވެރި މާނައެއްވާ ކަމެއް ކަމަށާއި އެއީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ބުންޏެވެ.
ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބްރަތާއި ދަރުސް ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކަންކަމުގައި މާތް اللهއާ ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ ހާދިސާއން ލިބޭ ފިލާވަޅެއް ކަމަށެވެ.
ނަމަވެސް މާތް اللهއާ ވަކީލު ކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު اللهގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނޭކަން ޔަގީންކޮށްގެން ތިބުން ކަމަށާއި ހިޖުރައަށް ނުކުމެވަޑައިގަތުމުގެ ކުރިން ކީރިތި ރަސޫލާވެސް ދަތުރުފުޅަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެން މާތް اللهއާ ވަކީލު ކުރެއްވި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ އިސްލާމް ދީނަށްޓަކައި ތިމާގެ ހުރިހާކަމެއް ޤުރުބާންކުރުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި، މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމް ދީނުގެ ދިފާއުގައި، އެކަންކަން ޤުރުބާން ކުރައްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ އެކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުން ކަމަށެވެ. އަދި ދަތި އުދަނގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅަކީވެސް ހިޖުރައިން ލިބޭ ފިލާވަޅެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވާ ކީރިތި ރަސޫލާ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގެންނެވި މަތިވެރި ހާދިސާއަކީ އިސްލާމީ ދައުލަތުގެ ބިންގާ އެޅުނު ހާދިސާ ކަމަށެވެ.
އެގޮތުން މާތް اللهގެ މަގަށް ގޮވާލައްވަން ތޭރަ އަހަރު ވަންދެން އެކަލޭގެފާނު މައްކާގައި ހުންނެވުމަށްފަހު އެރަށުގެ އަހުލުވެރިންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި، އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުނެވެ.