ޢަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެން ދަންނަކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު މިހެން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށާއި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށްކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ވިދާޅުވުމުންނެވެ.
މި ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ ޢަދާލަތަށް ޢިޝާރަތް ކުރައްވައި ޝިޔާމް ވިދާޅުވީ ސަރުކާރެއްގައި އެލިގަނެގެން އޮންނަތާ 4 އަހަރުވީ ކަމަށެވެ. ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖެހިއިރު ޢަދާލަތު ޕާޓީ އޮތީ ހިމޭނުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”ތީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެން ދަނޭ.“ ޝިޔާމް ވިދާޅުވިއެވެ.
އިމްރާނަށް އަމާޒުކުރައްވައި ޝިޔާމް އިތުރަށް ވިދާޅުވީ 2023 ކައިރިވާތީ ޕާޓީއަށް ވަގަށް މެންބަރުން ހަމަކޮށްގެން ”ތިމަންނާ އެބަހުރިކަން އަންގަން“ ތިޔަ ކަރު ކެހެނީ ކަމަށެވެ.