ހަށިގަނޑު ހިކިކޮށް ރީތި ބައްޓަމެއްގައި ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާއިރު ބޮލީވުޑް ހޮލީވުޑްގެ ތަރިން ރީތި ބައްޓަމެއްގައި ހުންނަ ކަމަކީ އެންމެން އާޝޯޙު ކޮށްލާ ކަމެކެވެ. އެގޮތުން އެ ފަންނާނުން ކުޅެން ޖެހޭ ރޯލެއްގެ ގޮތުން ހަށިގަނޑުގެ ބަރުދަން އިތުރުކޮށްފައި ވެސް ހިކުމަށް މާގިނަ ދުވަހެއް ނުވެއެވެ.
ޝޮނާކްޝީން ސިންހާ
ޝޮނާކްޝީ އަކީ 30 ކިލޯ ބަރުދަން ލުއިކޮށް ބޮލީވުޑްގެ ފިލްމުތައް ކުޅެން ފެށި ފަންނާނެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ކައި އުޅުން ފޮނި އެއްޗެއްސާއި އެކި ކަހަލަ ޖަންކްފުޑް ތަކާއި ދުރުވެފައިވާ ކަމަށެވެ. އަދި ހެނދުނުގެ ނާސްތާއަށް ކިރުތައްޓަކާއި ސޭންޑްވިޗް އަކުން ކައި ކަމަށާއި ތަރުކާރީ އާއި މޭވާ ހިމަނާއިން އަމިއްލައަށް ސެލެޑް އެއްޗެހި ހަދައިގެން ކައި ހަދާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ދުވާލަކު މަދުވެގެން 2 ގަޑިއިރު އޭނާ ކަސްރަތަށް ހުސްކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ޖެކުލިން ފެނާންޑޭޒް
ޖެކުލިންއަކީ އަބަދުވެސް ރީތި ބައްޓަމެއްގައި އޭނާގެ ހަށިގަނޑު ހުންނަ ފަންނާނެކެވެ. ނަމަވެސް އޭނާއަކީ ޖިމް ތަކަށް ގޮސް ކަސްރަތު ކުރާ މީހެއް ނޫން ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އޭނަގެ ރީތި ހަށިގަނޑުގެ ސިއްރަކީ އޭނާ ގެންގުޅޭ ޑައިޓްއެވެ. އެގޮތުން އޭނާގެ ދުވަސް ހެނދުނު 8 ޖަހާއިރު ލުނބޯ ފެން ތައްޓަކުން ފަށާއިރު އޭނާ ގިނައިން ކައި އުޅެނީ ތަރުކާރީއާއި މޭވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ރޭގަނޑުގެ ކެއުން 7 އަށް ވުރެ ލަސްނުކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ޕަރިނީތީ ޗޯޕްރާ
މީގެ ކުރިން 86 ކިލޯގައި ހުރި ޕަރިނީތީ ވަނީ 38 ހިއްކާލައިފައެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބަރުދަން ލުއި ކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ އޭނާގެ ޑައިޓް ޕްލޭންއެވެ. އެގޮތުން ހެނދުނުގެ ނާސްތާ ކިރުތައްޓަކާއި ބްރައުން ބްރެޑް، ބަޓަރ އަދި 2 ބިހުން ފަށައި މެންދުރުގެ ކެއުމުގައި ބްރައުން ރައިސް އާއި ތަރުކާރީ ސެލެޑްއެއް ކައި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ރޭގަނޑުގެ ކެއުމަށް އޭނާ ކެލޮރީސް މަދު ޖޫސްތައްޓެއް ބޯކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.