ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނުކުރުމަށް ހުށަހެޅުއްވީ، އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހެ އެވެ. އަދި މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހެ އެވެ. އަދި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
އެމްއެންޕީން މީގެ ކުރިން ވަނީ ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ.