ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފާއި އޭނާގެ އާއިލާގެ ”ޒަމާން ދުއްވާލާނެ“ ކަމަށް ބުނެ އިންޒާރު ދީފިއެވެ. މަޙްލޫފަށް އިންޒާރު ދީފައި ވަނީ އޭނާގެ ކުރީގެ ނަންބަރަށް މީހަކު ފޮނުވި މެސެޖްތަކެއްގައެވެ.
މަހްލޫފަށް ދިން އިންޒާރުގައި ބުނެފައިވަނީ ޔޯގާ އަކީ ހަލާލު ކަމެއް ނޫން ކަމަށާއި އިންޑިއާގެ ޕަޕެޓަކަށް ވެގެން މަހްލޫފް ހަލާލް ކުރަނީ ބާތިލް ފިކުރެއް ކަމަށެވެ. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ ކަމަށާއި އަތުޖެހުނުނަމަ ”ނޮޅާލީމުސް“ ކަމަށް ބުނެފައިވެއެވެ.
”ކަލޭ އަތުޖެހުނުނަމަ ނޮޅާލީމުސް، މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރުން ތިބީ ބަލަން. އަހަރެމެންގެ އަހަކާ ނުވަތަ ޖަމިއްޔާއަކާ ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،“ އިންޒާރުގެ މެސެޖްގައިވެއެވެ.
އިންޒާރުގެ މެސެޖަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ”ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް“ ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް އިންޒާރު ދިން މީހާއަށް ގަބޫލުކުރެވުނު ނަމަވެސް މަގާމަކީ އޭނާއަށް އެއްވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ.