މޫނުގެ ހަންގަނޑަކީ އެންމެން ވެސް އެންމެ ލޯބި ކުރާ އެއް ގުނަވަނެވެ. ކޮންމެ މީހެއް ވެސް އެމީހެއްގެ މޫނު އެންމެ ރީތިކޮށް އެންމެ ފުރިހަމަ އަށް ގެންގުޅެން ބޭނުންވާނެއެވެ.
އެހެނަސް މޫނުގައި ބޭނުން ކުރެވޭ ހަމާއި ނުގުޅޭ ކެމިކަލް ތަކުގެ ސަބަބުން މޫނުގައި ބިހިނަގައި ހަންގަނޑު އަނދާގޮތްވެއެވެ.
އެންމެ ފުރަތަމަ ކަމަކަށް ތިމާގެ ހަންގަނޑާއި ނުގުޅޭ އެއްޗެއްސާއި ދުރުވާން ޖެހެއެވެ. އެފަދަ ތަކެތި ބޭނުން ކުރުން މަދުކޮށް ތިމާގެ ހަންގަނޑާއި ގުޅޭ އެއްޗެހި ބޭނުން ކުރަން ފަށާށެވެ.
ލުނބޯލަކީ އެންޓިމައިކްރޯބިއަލް އަދި އެސިޑިކް ޕްރޮޕަޓީތައް އެކުލެވޭ އެއްޗެއްކަމުން، މޫނުގައި ނަގާ ބިހިތައް ފިލުވާލަން ވަރަށް ފަސޭހަވެއެވެ. އަދި މޫނު ތެޔޮވުން މަދުކޮށްދީ ހަންގަނޑަށް ވިދުން ގެނުވައެވެ.
ބޯތައްޓަކަށް ހޫނުފެން އަޅައިގެން އާވި އެރުވުމަކީ ވެސް މޫނުގެ ހަންގަނޑަށް އޮތް ފަރުވާއެކެވެ. މޫނަށް އާވި އަރުވާލުމުން މޫނުގައި ލޭ ދައުރުވާލެއް އަވަސްވެ އަދި މޫނަށް ހޫނުކަން އިހްސާސް ވާނެ އެވެ. އެކަމުގެ ސަބަބުން ނިއުޓްރިއަންޓްސް އާއި އޮކްސިޖަން މޫނަށް ލިބޭނެ އެވެ. މޫނުގެ އުޖާލާކަން އިތުރުވަނީ އެހެންވެ އެވެ. އަދި މޫނުގައި ހުންނަ ލަކުނުތަކާއި ލައްތައް ފިލައި މޫނުމައްޗަށް ވިދުން ގެނުވައެވެ.
މީގެ އިތުރުން އަލޯވެރާ މޫނުގައި ހޭކުމުން ވެސް މޫނުގެ ވިދުން ގެނެސްދީ ހަންގަނޑު އޮމާންކޮށް ޒުވާންކަންމަތީ ގިނަ ދުވަހު ބަހައްޓަދެއެވެ.