ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ފެނިގެންދާ ”އިންޑިއަން ޕޮލިސް ފޯސް“ ސީރީސްއަކީ ދަރިފުޅުގެ އެދުމުގެ މަތިން އޭނާ ސޮއި ކޮށްފައިވާ ފިލްމެއް ކަމަށް އޭނާ ހާމަކޮށްފިއެވެ.
ސިއްދާތް އާއި އެކު ފެނިގެންދާ މި ސީރީސްއަކީ ރޯހިތް ޝެޓީ ޑައިރެކްޓް ކޮށް އުފައްދާ ސީރީސްއެކެވެ. ޝިލްޕާ ހާމަކޮށްފައިވާ ގޮތުގައި ދަރިފުޅު ވިވާން އަކީ ރޯހިތްގެ ވަރަށް ބޮޑޫ ސަޕޯޓަރެއް ކަމަށެވެ. އެގޮތުން މި ސީރީސްއަށް ދައުވަތު ލިބުން ހިސާބުން ވިވާން ހުރީ ވަރަށް އުފަލުން ކަމަށް ވެސް ޝިލްޕާ ވަނީ ބުނެފައެވެ.
ޖުމްލަ 8 އެޕިސޯޑެއް ހިމެނޭ މި ސީރީސް ވަނީ އެމަޒޯން ޕްރައިމްގައި އަންނަ އަހަރު ސްޓްރީމް ކުރުމަށް ނިންމައިފައެވެ. ސީރިސްގެ ޓްރެއިލާ އާއްމު ކުރުމާއި އެކު ގިނަ ފަރާތް ތަކެއް ދަނީ މި ސީރީސް އަކީ ތަފާތު ސީރީސް އަކަށް ވެގެން ދާނެ ކަމަށް ބުނަމުންނެވެ.
ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވާނި ”ނިކަންމާ“ ފިލްމުން އެވެ. މި ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނަސް ކުރިއަށް އޮތް އަހަރު ތަކުގައި ޝިލްޕާގެ ފިލްމުތައް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.