ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ގާއިމުކުރަން ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. މި އިސްލާހް އެ ގާނޫނަށް ގެންނަން ހުށަހެޅީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ.
ނިހާދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޑިސްޓްރިކްޓް ކޯޓުތައް ތައާރަފް ކުރަނީ ސުޕީރިއަރ ކޯޓެއްގެ ގޮތުގަ އެވެ. އެގޮތުން ޑިސްޓްރިކްޓް ކޯޓު ޤާއިމުކުރާނީ، މާލެ، ކުޅުދުއްފުށި އަދި އައްޑޫ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގަ އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައި ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައި ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މި އިސްލާހުގައި ވަނީ ޑިސްޓްރިކް ކޯޓު ގާއިމުކުރާނެ ޖުޑީޝަލް ޑިސްޓްރިކްޓެއް ކަނޑައަޅުމުގައި ބަލަންވާނެ ކަންކަން ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ޑިސްޓްރިކްޓް ކޯޓު ގާއިމުކުރަން ވާނީ އެ ސަރަޙައްދެއްގެ ޖުޑީޝަލް ދާއިރާތަކުގެ އާބާދީ ވީއެންމެ ބޮޑަކަށް ހަމަހަމަކުރެވޭނެ ގޮތެއްގެ މަތީން ކަމަށާއި އަދި އެ ސަރަޙައްދުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ނިސްބަތާއި، ކޯޓު ޤާއިމްކުރާ ރަށުގައި ވަސީލަތްތައް ޤާއިމުކުރެވިފައިވާ ނިސްބަތް ބަލަން ވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދެއްގައި ޑިސްޓްރިކްޓް ކޯޓެއް ގާއިމުކޮށްފިނަމަ އެ ޑިސްޓްރިކް ކޯޓެއްގެ އިޙްތިޞާޞްގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެ ސަރަޙައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ބަދަލުގައި އެ ޑިސްޓްރިކްޓް ކޯޓަކުން ކަމަށް ނިހާދުގެ އިސްލާހުގައިވެ އެވެ.
މި އިސްލާހުގައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، މެޖިސްޓްރޭޓް ކޯޓު ޤާއިމުކުރާނީ މާލެއާއި، ޑިސްޓްރިކްޓް ކޯޓެއް ޤާއިމުވެފައިވާ ރަށްރަށް ފިޔަވައި، އެނޫން ރަށްރަށުގައި ކަމަށްވެސް ބުނެފަ އެވެ. އަދި، ސަރކިޓްތަކުގައި ހިމެނޭ ރަށްރަށުގެ ތެރެއިން މެޖިސްޓްރޭޓެއް ޤާއިމުވެ ހުންނާނެ ރަށްތައް ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މެޖިސްޓްރޭޓެއް ޤާއިމުވެ ނުހުންނަ ރަށްރަށުގައި ޝަރީޢަތްތައް ހިންގާނީ، އެ ސަރކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓުންކަމަށް ވެސް އިސްލާހުގައިވެ އެވެ. އަދި ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ސަރކިޓްތަކެއް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާއިރު ސަރކިޓަކީ، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި، އިދާރީ ބޭނުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ވަކި ދާއިރާއެއް ކަމަށް އިސްލާހުގައިވެ އެވެ.
އެގޮތުން ސަރކިޓްތަކަށް ނިސްބަތްވާ މެޖިސްޓްރޭޓުން ކަނޑައަޅަންވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށްވެސް ބުނެފައިވެ އެވެ.