ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ސަރުކާރުން ހިންގި ހަރަކާތާ ގުޅިގެން އިހްތިޖާޖުކޮށް އަޑު އުފުލި ފަރާތްތަކުގެ ތެރެއިން ބަޔަކު ހަމަނުޖެހުން ހިންގަން ފުރުސަތު ލިބި، އެހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށައެޅިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
”ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުންކަން ފާހަގަކުރަން. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ޤާއިމްވެފައި އޮތުން މުހިއްމުކަން ފާހަގަކުރަން.“ އެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ވަނީ މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އަދި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާފަ އެވެ.
އިއްޔެގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ޕީޕީއެމްގެ ހަރަކާރު ކޮމިޓީގައި އިސްކޮށް އުޅުއްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ.