މޯލްޑިވްސް ކޮވިޑް-19 ހެލްތް ފެސިލިޓީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކާ ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 18.4 މިލިއަން ޔޫރޯގެ ލޯނެއްދީފި އެވެ.
ސަރުކާރުގެ ފަރާތުން މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އީއައިބީގެ ގްލޯބަލް ޕާޓްނާސް ޑިރެކްޓަރ މާރިއާ ޝޯ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނަކީ މިދިޔަ އަހަރު އީއައިބީން ތައާރަފްކުރި ”ސައުތް އޭޝިއާ ޕަބްލިކް ހެލްތްކެއަރ ކޮވިޑް-19 ޕްރޮގްރާމް ލޯން“ގެ ދަށުން ރާއްޖެ އަށް ދީފައިވާ ލޯނެއް ކަމަށެވެ.
މި ލޯނަކީ ވަރަށް ކޮންސެޝަނަލް ޓާމްތަކެއްގައި ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ނަގާފައިވާ ލޯނެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މި ލޯން ބޭނުން ކުރާނީ ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީކުރުމަށްޓަކާ ޒަމާނީ ވަސީލަތްތަކާއެކު ނޭޝަނަލް ހެލްތް ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅުތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތައް ގާއިމުކުރުމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މި ލޯންގެ ދަށުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް، ލާމަރުކަޒު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.
Loanu nagaigen thalhaa beylun noon kameh nukurey mihaaraku. Mulhi dharifaskolhu vikkaa huskoffi.