މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން އެމްއެންޕީގެ ޕީޖީ ލީޑަރ އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޟް ހުށަހެޅުއްވި ހުށަހެޅުމާ އެއްގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފިއެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާއެވެ.
މިބައްދަލުވުމުގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅުއްވާ އެމްއެންޕީގެ ޕީޖީ ލީޑަރ ރިޔާޟް ވިދާޅުވީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ވިސްނުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް، މަންފާއެއް ވާނަމަ އެކަމަކަށް ތާއީދުކުރުން ކަމަށާއި ދިވެހިންނަކީ ފުދުންތެރި ރައްޔިތުންތަކެއްކަމަށް ހެދުން ކަމަށެވެ. އަދި މެޖިސްޓްރޭޓުންނަކީ ރަށްރަށުގައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅުން ކަމަށާއި އެބޭފުޅުން އެކުރައްވާ މަސައްކަތާ އެއްވަރު އުޖޫރައެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ޕީޖީ ލީޑަރ ރިޔާޟް އިތުރަށް ވިދާޅުވީ މިކަމަކީ މިއަހަރުގު ބަޖެޓުގައިވެސް ހިމަނާފައިވާ ކަމެއް ކަމަށާއި ފިނޭންސް މިނިސްޓްރީއާއި ނެޝަނަލް ޕޭ ކޮމިޝަނުންވެސް ކުރަން ފެންނަ ކަމަށް ލަފާދީފައިވާ ކަމެއް ކަމުގައެވެ.
”މާލީ ވަޒީރު އަދި ޕޭ ކޮމިޝަނުން މީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ކޮމިޓީއަށް ލަފާ ދީފައިވާތީ އަދި މެޖިސްޓްރޭޓުންގެ މުސާރައަކީ މިއަހަރުގެ ބަޖެޓުގައިވެސް ހިމެނޭ ކަމަކަށް ވާތީ ހުށަހެޅުން ފާސްކުރަން ހުށަހަޅަން“
އެހެންކަމުން ޖޭއެސްސީން އެދިފައިވާގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅުއްވާ ކަމުގައެވެ.