ފްލޯޓިން ސިޓީއަކީ ބޮޑު ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ ނަން ހިމެނޭތީ ފްލޯޓިން ސިޓީ ޕްރޮޖެކްޓް ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުން ފްލޯޓިން ސިޓީ ހަދާ ކުންފުނި ކަމަށްވާ ޑަޗް ޑޮކްލެންޑްސްއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އަދި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ފަހުން އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވާލުން ހިމެނޭތީ ކަމަށެވެ. މީގެ އިތުރުން ފައްޔާޒް ތުުހުމަތު ކުރެއްވި ގޮތުގައި އެ ފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ މީހުން މަސައްކަތް ކުރަމުން ދަނީ ވިއްކާލުމަށެވެ.