ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި އެ ކުއްޖާގެ އާއިލާގެ މެމްބަރަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ވ. ކެޔޮދޫ/ ތުޑީގެ، އަހުމަދު އަޒްމީނެވެ.
އޭނާގެ މައްޗަށް ދައުލަތުން ފަސް ކުށުގެ މައްސަލައެއް ހުށަހެޅިއެވެ. އެއީ:
- އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށް
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަކުއްޖާއަށް ދެއްކުމުގެ ކުށް
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށް
- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށް
އެ ފަސް ކުށުގެ މައްސަލައިގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް، ޝަރީއަތަށް ސާބިތުނުވާތީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށާއި ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގައި އަޒްމީންގެ މައްޗަށް ހުކުމް އިއްވާފައެއް ނުވެއެވެ.
ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އަޒްމީން 25 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، އެ މައްސަލައިގައި އޭނާ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަހުގެ މުއްދަތުގައި ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކޮށް، އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 22 އަހަރާއި ދެ މަހާއި 28 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ކަނޑައަޅައިފައެވެ.
ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ޝަރީއަތުން އަޒްމީންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ކުއްޖާއަށް ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު ދެއްކުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.