އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި މީހުންނަށް ހަމަލާދީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހުންގެ ތެރެއިން 4 މީހެއްގެ ބަންދަށް 60 ދުވަސް ވަނީ ޖަހާފައެވެ. އަދި 2 މީހެއްގެ ބަންދަށް 5 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، އާންމުންނާއި، އުމުރުން ދޮށީ މީހުންނާއި ކުޑަކުދިން ތިއްބައި، ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ވަދެ އެތާ ތިބި މީހުންނަށް ވަނީ ހަމަލާދީ އަނިޔާވެރިވުމަށް ގޮވާލާފައެވެ. މި ހާދިސާގައި އެތަނުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާ ޑޭ ޙަރަކާތަށް ހުރަސް އަޅައި، އެ ޙަރަކާތުގައި ބައިވެރިވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން އާންމުންގެ މީހުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެ ބައެއް މީހުންނަށްވެސް ޙަމަލާ ދީފައިވާ ކަމަށެވެ.

ބައެއް ތަކެއްޗަށްވެސް ގެއްލުން ދީފައިވާއިރު، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.