ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ފެންވަޅުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
ހުކުރު މިސްކިތުގެ މުންނާރާއި ހަތަރު ފެންވަޅު ސާފުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތަކީ ނެޝަނަލް ސެންޓަރު ފޮ ކަލްޗަރަލް ހެރިޓޭޖް އާއި ކަލްޗާ މިނިސްޓްރީ އަދި ސްޓެލްކޯއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން 2019 ވަނަ އަހަރުންފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ.
އެގޮތުން މި އަހަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެގޮތުން ކުރިމަގުގައި މަހަކު އެއްފަހަރު ހުކުރު މިސްކިތް ސާފުކުރުން ކުރިއަށްގެންދާނެ ކަމަށާއި އަދި އެ ކުންފުނިން މިހާރު ނިންމާފައިވަނީ މާލޭގައި ހުރި އެހެން ބިނާތައްވެސް މިގޮތަށް ސާފުކޮށް ބަލަހައްޓައި ދިނުމަށް ކަމަށް ވިދާޅުވި އެވެ.