ފިލްމް ދަޅަކް އިން ބޮލީވުޑްގެ ޙަޔާތް ފެށި ޝްރީ ދޭވީގެ ދަރިފުޅު ޖާންވީއަކީ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބަތަލާއެކެވެ.
ދާދި ފަހުން އިންޑިއަން އެކްސްޕްރެސް އަށް ދީފައިވާ އިންޓަވިއު އެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އެކްޓިންގެ ދާއިރާއަށް ޝައުޤުވެރިވާކަން މަންމަ ކައިރީ ބުނި އިރު ވެސް އެކަމާއި މަންމަ ހުރީ ހިތް ހަމަ ނުޖެހިފައި ކަމަށެވެ.
އެގޮތުން ކުޑަ އިރުން ފެށިގެން ވެސް މަންމަ ދެކެން ބޭނުންވީ ޖާންވީ ޑޮކްޓަރ އަކަށް ވާން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އޭނާ އެކްޓިންއަށް ޝައުޤުވެރިވީ ކިހިނެއް ކަމެއް ވެސް ބުނަން ނޭނގޭ ކަމަށާއި މަންމަގެ ހުވަފެން ހަޤީޤަތަކަށް ނުހެދުމުން އެކަމާއި އޭނާ ހިތާމަކޮށް މާފަށް އެދެން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މަންމަ އަކީ ކޮންމެ ކަމެއްގައި ވެސް ވަރަށް ސަޕޯޓިވް މީހެއް ކަމަށާއި މަންމަ ދުނިޔޭގައި ހުރިނަމަ ދާއިރާގައި މިއަށް ވުރެ ވެސް ކުރިއަށް ދާން ތަފާތު އެކި ހުނަރު ދަސްކޮށްދޭނެ ކަމަށް ޖާންވީ ވަނީ ހާމަކޮށްފައެވެ.
ޖާންވީ ވަނީ ބޮލީވުޑްގައި ދަޅަކް ގެ އިތުރުން ”ގުންޖަން ސަޒޭނާ“ ، ”ރޫޙީ“ ، ”ބޮމްބޭ ގާރލް“ ، ”ގޯސްޓް ސްޓޯރީސް“ ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައެވެ.