ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި އ.ދ އާއި ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކަމަށެވެ.
ނަމަވެސް މިއަދު ރައީސް ޔާމީން އިންޑިއާ އާއި މެދު ހިންގަވާ ޒާތީ ކެމްޕޭނުގައި، އިންޑިޔާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނަޅާފާއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް މިކަންކަން ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ ”އިންޑިއާ އައުޓް” ކެމްޕޭން އެއްވަރެއްގައި ހިފަހައްޓާނުލެވި އަދި ރައްޔިތުންގެ ތާއީދު ނެތި ނާކާމިޔާބުވުމުންކަމަށެވެ.
މިއަދު މެދުއިރުމަތީގެ މުސްލިމު ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް މިދުވަސް ފާހަގަކުރި ކަމަށާއި ނަމަވެސް ސިޔާސީ މަންފާއަށް ޓަކައި ޕީޕީއެމް އިން އަޑީގައި އޮވެ މި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ނަން ކިލަނބު ކޮށްލަން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޓޫރިޒަމަށް ބަރޯސާވާ އަދި ދުނިޔޭގެ އެންމެންނަށް ސުލްހަވެރި މެހެމާންދާރީކަން ވިއްކަމުން އަންނަ މިރީތި ގައުމަށް އެތައް ގެއްލުމެއް މިކަމުގެ ސަބަބުން ވާނެކަމަށާއި ދުނިޔެއަށް އިގްތިސާދީ ތަދުމަޑުކަމެއް އައިސް އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެން އެންމެން މިދިވެހި ގައުމާއި މެދު ފުންކޮށް ވިސްނަންޖެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ރާއްޖެ ފަދަ ފަދަ ސުލްހަވެރި އަމާން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިބާވަތުގެ ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނެތް ކަމަށާއި މިމައްސަލައިގައި ރައީސް ސޯލިހު ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލައަށް އިސް ނައްގަވާ ވަގުތުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވަނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އަވަސް ފިޔަވަޅުތަކެށް އަޅުއްވައި މިފަދަ ކަމެއް ރާއްޖޭގައި ތަކުރާރު ނުވާނެގޮތް ކަންކަން އިންތިޒާމު ކުރުމަށް ވެސް އެ ބަޔާނުގައި ގިވާލާފައިވެއެވެ.