ދައުލަތުގެ ހަރަދު ކުޑަކުރަން އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ5،000 ރުފިޔާއަސްވުރެ މަތީ ހަރަދުތައް ނުކުރެއްވުމަށެވެ. އެހެންކަމުން އަވައްޓެރި ސްރީލަންކާއަށްވުރެ ދުރަށް ދެވެން ނެތް ކަމަށެވެ.
ނަޝީދު ކެންސަލް ކުރެއްވީ ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ލިބިފައިވާ ދަތުރުފުޅުތަކެއްކެވެ.